ޚަބަރު

ލ. އިސްދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއި ހަވާލުކޮށްފި

ލ. އިސްދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއި ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް، ފާތިމަތު ޝާނާ ފާރޫޤެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީ.އީ.އޯ، ޝާހިދު ހުސެއިން މޫސާއެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ބޮޑު ހިލަ ބޭނުންކޮށްގެން 160 މީޓަރ ބޭރުތޮށި ހެދުމާއި، 48 މީޓަރ އެއްގަމު ތޮށި ހެދުމާއި، 1,560 ސްކެއަރ މީޓަރ ޕޭވްމަންޓް ހެދުމާއި، 12 މޫރިންގ ބުލޮކްސް ލުމާއި، 18,984 ކިއުބިކް މީޓަރ ބަނދަރު ފުންކުރުމާއި، 6,483 ކިއުބިކް މީޓަރ ނެރު ފުންކުރުމާއި، 98 މީޓަރ ރިވެޓްމަންޓް ޖެހުމާއި، 2 ނެރު ބައްތި ޖެހުމުގެ އިތުރުން 12 ބަނދަރު ބައްތި ޖެހުން ހިމެނެއެވެ.

34,792,350.32 ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 330 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

ލ. އިސްދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއި ހަވާލުކޮށްފި