ޚަބަރު

އދ. ދިއްދޫ ބަނދަރު ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފި

ޑިޒައިން އެންޑް ބިލްޑް އުސޫލުން އދ. ދިއްދޫ ބަނދަރު ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް، ފާތިމަތު ޝާނާ ފާރޫޤެވެ. އަދި ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، އިބްރާހިމް ޒަމީރެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، 272 މީޓަރ ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމާއި، 33.70 މީޓަރ ރިވެޓްމަންޓް ޖެހުމާއި، 196 މީޓަރު އެލް ބްލޮކް އެއްގަމުތޮށި ޖެހުމާއި، 10 މޫރިންގ ބްލޮކްސް ލުމާއި، ރޭމްޕެއް ހެދުމާއި، އެއްގަމު ތޮށި ވަށައިގެން 938.82 އަކަފޫޓުގެ ޕޭވްމަންޓް ހެދުމާއި، 4 ނެވިގޭޝަން ލައިޓު ޖެހުމާއި، ބަނދަރު އަދި ނެރު ފުންކުރުމުގެ އިތުރުން 13 މަގު ބައްތި ހަރުކުރުން ހިމެނެއެވެ.

21,956,238.75 ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 300 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

އދ. ދިއްދޫ ބަނދަރު ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފި